އަލްފާޟިލް ޢަލީ ޝަރީފް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ 14 އޭޕްރިލް 2026 ގައެވެ. އެމަނިކުފާނަކީ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމާއި، އަދި ހަކަތަ، ފެން، ނަރުދަމާ އަދި ކުނި މެނޭޖްކުރުން ފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވާ ފަރާތެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމުގައެވެ.
ސަރުކާރާއި އަމިއްލަ މަސައްކަތުގައި މި ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢަލީ ޝަރީފް ވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނަކީ މޫސުމީ އަދި ތިމާވެށީގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މަރުކަޒީ ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތްތަކުގެ ތެރޭގައި ސިޔާސަތުތައް އެކުލަވާލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި (އެޑަޕްޓޭޝަން) އަދި އޭގެ އަސަރުތައް ކުޑަކުރުމާ (މިޓިގޭޝަން) ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ޕްރޮގްރާމްތައް ތަންފީޒުކުރުމާއި ރިޕޯޓްކުރުން ހިމެނެއެވެ.
އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މުހިންމު އިދާރާތަކެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައެވެ. އޭގެ ތެރޭގައި ކަޓޮވިޗް ކޮމިޓީ އޮފް އެކްސްޕަރޓްސް (KCI)، އެޑަޕްޓޭޝަން ކޮމިޓީ (AC)، ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް އެކްސްޕަރޓް ގްރޫޕް (LEG) އަދި ކޮންސަލްޓޭޓިވް ގްރޫޕް އޮފް އެކްސްޕަރޓްސް (CGE) ހިމެނެއެވެ. މީގެ އިތުރުން، ޔޫ.އެން.އެފް.ސީ.ސީ.ސީ (UNFCCC) ގެ މަޝްވަރާތަކުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ މެންބަރެއްގެ ގޮތުގައާއި، އައި.ޕީ.ސީ.ސީ (IPCC) ގެ ހަވަނަ އެސެސްމަންޓް ރިޕޯޓުގެ ވާކިންގ ގްރޫޕް III ގެ ލީޑް އޯތަރެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ.
މިނިސްޓަރ ޢަލީ ޝަރީފް ވަނީ ޔުނިވަރސިޓީ އޮފް ކެންޓަބަރީން އެޓްމޮސްފެރިކް ސައިންސް އެންޑް ނިއުމެރިކަލް މޮޑެލިންގްގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ހާސިލުކުރައްވާފައެވެ. އަދި ސައުތު އޮސްޓްރޭލިއާގެ ފްލިންޑަރސް ޔުނިވަރސިޓީން މީޓިއޮރޮލޮޖީ އެންޑް އޯޝަނޮގްރަފީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.